ބީއެމްއެލް ބިޒްނަސް ޑެބިޓް ކާޑުން މިހާރު ދުވާލަކު 200،000 ރުފިޔާ ނެގޭނެކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
ރާއްޖޭގައި ފަސޭހަކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ބިޒްނަސް ޑެބިޓް ކާޑު ތައާރަފް ކޮށްފައިވަނީ 2019 ވަނަ އަހަރެވެ.
މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓަރކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުޢާމަލާތްތައް ހިންގޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ. އެއާއެކު ބީއެމްއެލް އިން ބުނީ ބީއެމްއެލް އިން ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި ބިޒްނަސް ޑެބިޓް ކާޑުން މިހާރު ދުވާލަކު 200،000 ރުފިޔާ ނެގޭނެކަމަށެވެ.
މީގެއިތުރުން ބީއެމްއެލް ޕީއޯއެސް މެޝިނާއި ޕޭމަންޓު ގޭޓްވޭއިން ބީއެމްއެލް ކާޑުން ކުރާ މުއާމަލާތްތައް ސެޓްލްމެންޓު ހެދުމުން މިހާރު 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތަކުގެ އެކައުންޓަށް ޖަމާކޮށްދެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައވެެ.