ކޮތަރުތަކަށް ޖެހިފައިވާ ބަލިން އިންސާނުންނަށް ނުރައްކަލެއް ނެތް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކޮތަރުތަކުގެ އަނގަ ކައިރިންނާއި އަނގައިގެ އެތެރެ އަދި ލޯ ކައިރިން ފާރުތަކެއް ފެންނަމުންދިއުން އިތުރުވެ މާލޭގެ އެކި ހިސާބުތަކުން މަރުވެފައިވާ ކޮތަރުތައް ފެންނަމުން ދިއުމާއެކު ކޮތަރުތަކަށް ޖެހިފައިވާ ބަލި ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅުއެވެ.

އެ ތަހުލީލުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަވުމާއެކު، ހަގީގަތް ދެނެގަތުމަށްޓަކައި އެ ވުޒާރާއިން، ސުންކު ނަގައި ތަހުލީލު ކޮށްފައިވާ ކަމަށެވެ. އަދި މި ތަހުލީލުތަކުން ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ 'އިންފެކްޝަން ކޮރައިޒާކަމަށް' ދެނެގަނެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މިއީ އާންމުކޮށް ދޫނީގެ ނޭވޭލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މި ޑައިގްނޯސިސް ބިނާވެފައި ވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމަތްތަާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށް ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، މިއީ އެވިބެޓްރިއަމް ޕެރެގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ބެކްޓްރީއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މީގެ އިތުރުން ވެސް ތަހުލީލުތަކުން، މިކޮތަރުތަކަށް ކޮކްސިޑީއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކެންޑްރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، މަރުވެއެވެ. މި ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާުލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުން ބުއިމަށް އުނދަގޫވެއެވެ. މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެކެވެ،"
ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ

އަދި މި ބައްޔަކީ އިންސާނުންނަށް، އޭގެ ސަބަބުން އެއްވެސް ނުރައްްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް ރައްކާތެރި ވުމުގެ ގޮތުން މަރުވެފައިވާ ކޮތަރު، ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާއި ކުޑަކުދިން ކައިރި ނުކުރުމާއި ބޮޑެތި މީހުންވެސް އެ ތަކެތީގައި އަތްލައި ހިފައި އުޅޭއިރު، ރައްކާތެރި ވަސީލަތްތައް ބޭނުން ކުރުމަށް ވަނީ އެ ވުޒާރާއިން ނަސޭހަތްތެރިވެފައެވެ.

ބަލި ޖެހިފައިވާ ކޮތަރެއް

ކޮތަރަކީ މާލޭގައި އުޅެމުންދާ އެންމެ އާންމު އެއް ދޫނި ކަމަށްވާއިރު މި ދޫނިތަކަށް މީހުން ކާންދީ އުޅެއެވެ. އަދި ކޮތަރުތައް އެންމެ ގިނައިން ޖަމާވާ ޖުމްހޫރީ މައިދާނަށް ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިން ގޮސް ކާންދީ އުޅުމަކީ ގިނަ ބަޔަކަށް ލިބޭ އުފަލެކެވެ.

މީގެ ކުރިން 2022 ވަަނަ އަހަރު ވަނީ ޖުމްހޫރީ މައިދާނުގައި ވިނަ ހައްދަން ޖެހި ކެމިކަލް ބޭހެއްގެ އަސަރުކޮށްގެން ވެސް ކޮތަރުތަކަށް އޭގެ އަސަރުކުރި މައްސަލައެއް ވަނީ ގެންމަތިވެފައެވެ.