ކަނޑު މަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ ތަކެތި ފެނިފައި ވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމެންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުން ކަމަށެވެ.

އެގޮތުން ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވާ އެ ޝިޕްމެންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވި އިތުރަށް ބެލި ބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ހޯދުނު ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.

ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ވެސް ރޭ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެމްޑީ އަބޫ ސުފްޔާންއެވެ.

ފުލުހުން ބުނީ ރޭ ހިންގި މި އޮޕަރޭޝަނުގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އާދެއެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.