ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ޕެންޓޮޕް 40 އިންޖެކްޝަންގައި ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވި، އެ އިންޖެކްޝަން ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ މި ޕްރޮޑަކްޓްގެ ބެޗު ނަންބަރު EMPH243030އިން ކޮލިޓީ މައްސަލަތެކެއް ފާހަގަ ކުރެވިފައިވާތީ އެ ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުން ބަނާކޮށްފައިވާ ކަމަށެވެ.
40 އެމްޖީގެ އެރިސްޓޯ ޕޭންޓޮޕް އިންޖެކްޝަންއަކީ އިންޑިއާގެ އެރިސްޓޯ ފާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑުން އުފައްދާ އިންޖެކްޝަންއެކެވެ.
އެއްވެސް ފާމަސީއެއްގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ޕެންޓޮޕް 40 އިންޖެކްޝަންގެ EMPH243030 ބެޗުގެ އިންޖެކްޝަން ހުރިނަމަ އެކަން އެމްއެފްޑީއޭއަށް ހިއްސާކުރުމަށް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ. އަދި ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
އެމްއެފްޑީއޭއިން ބުނީ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.