ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ގަވައިދު އެކުލަވާލައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވާލި މި ގަވާއިދުގައި ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭސް ގުދަން ކުރުމުގެ އިތުރުން ވިއްކުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެ ގޮތުން ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެއެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު މި ރަޖިސްޓްރީ މުރާޖައާކުރަންޖެހޭނެއެވެ. މި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެކުރުމާއި، އެތެރެކުރަން އުޅުމަކީ މަނާކަމެއްކަމަށް މި ގަވައިދުގައިވަނީ ބުނެފައެވެ.

މީގެ ތެރޭގައި ޑޮކްޓަރީ ބޭހުގެ އިތުރުން ދިވެހިބޭހާއި އޯލްޓަނޭޓިވް ބޭސްވެސް ހިމެނޭކަން ފާހަގަކޮށް މި ގަވައިދުގައި ބުނެފައިވަނީ ކޮންޓްރޯލްޑް ޑްރަގްސް އިމްޕޯޓުކޮށް، ވިއްކައި އަދި ޑިސްޓްރިބިއުޓް ކުރެވޭނީ އެމްއެފްޑީއޭއިން ދޫކުރާ ހާއްސަ ހުއްދައެއް ހޯދުމަށްފަހުގައި ކަމަށެވެ. އަދި މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ބޭސް ގުދަންކުރާ ތަންތަނުގައި ބޭސް ބަހައްޓައިގެން ބޭނުންކުރާ ގޮތުގެ ތަފުސީލު ކޮންމެ 6 މަސް ދުވަހަކުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތްދީ، ކަންކަން އިސްލާހުކުރުމަށް މުއްދަތެއް ދެވޭނެއެވެ. އަދި 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދޫކޮށްފައިވާ ހުއްދަ 14 ދުވަހާއި 1 އަހަރު ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މީގެ އިތުރުން ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ، އެ ކުންފުންޏެއް ބްލެކްލިސްޓު ކުރެވޭނެއެވެ. އެފަދަ ފަރާތްތަކަށް އަލުން ރަޖިސްޓްރީކުރަން ހުށަހެޅޭނީ 6 މަސް ދުވަސް ފަހުންނެވެ. އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ ފަރާތްތަކަށް 3 މަސް ދުވަހުގެ ބޭސް އެތެރެކުރެވޭނެއެވެ. އަދި ބަލިމީހާގެ މެޑިކަލް ރިކޯޑު ހުށަހަޅައިގެން 6 މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ހުއްދަ ލިބޭނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ. އޭގެފަހުން ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތައް އަލުން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.