އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ވީރާނާވެފައިވާ ފަލަސްތީނުގެ ގާޒާ އަލުން އާރާސްތުކުރުމަށް މިސްރުން ހުށަހެޅި ޕްލޭނަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
އިއްޔެ މިސްރުގެ ވެރިރަށް ގާހިރާގައި އޮތް އަރަބި ގައުމުތަކުގެ ސަމިޓުގައި މިސްރުން ހުށަހެޅީ ގާޒާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ ރިކަވަރީ މަރުހަލާއެއް ކުރިޔަށް ގެންދިއުމަށް ފަހު ޒަރޫރީ އަދި އުމްރާނީ ވަސީލަތްތައް އަލުން އާރާސްތުކުރުމަށް އަމާޒުކޮށްގެން ދިގު ރީކޮންސްޓްރަކްޝަން މަރުހަލާއެއް ކުރިޔަށް ގެންދިއުމަށެވެ.
މީގެ އިތުރުން އަރަބި ގައުމުތަކުގެ ސަމިޓުގައި ވަނީ ގާޒާގައި ވެރިކަންކުރާނީ ކޮން ޖަމާއަތެއްތޯ އާއި ގާޒާ އަލުން އާރާސްތުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ކޮން ގައުމުތަކަކުންތޯ ސުވާލު އުފައްދައިފައެވެ.
މިސްރުގެ ފަރާތުން މި ހުށަހެޅުން ހުށަހެޅުއްވި އެ ގައުމުގެ ރައީސް އަބްދުލްފައްތާހު އައް-ސީސީ ވިދާޅުވީ، އެ ގައުމުން ފަލަސްތީނާއެކު ފަލަސްތީނުގެ ފަންނީ މާހިރުންގެ ކޮމިޓީއެއް އުފައްދައި، ގާޒާގެ ވަގުތީ ހިންގުމާއި ގާޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީގެ ކަންކަން ބެލެހެއްޓުމަށް އެ ކޮމިޓީ އާ ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
މިސްރުގެ މި ހުށަހެޅުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މަރުހަބާ ވިދާޅުވެފައިވެއެވެ.
މިސްރުގެ މި ހުށަހެޅުމުގެ ދަށުން ގާޒާގައި ދިރިއުޅޭ އާންމުން ގާޒާގެ ބިންތައް ދޫކޮށް ދާކަށް ނުޖެހޭނެއެވެ.
ރާއްޖޭގެ ފަރާތުން މި ހުށަހެޅުމަށް މަރުހަބާ ދަންނަވައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް 'އެކްސް'ގައި ލިޔުއްވި ގޮތުގައި މިސްރުގެ މި ހުށަހެޅުމުގެ ސަބަބުން ފަލަސްތީނުގައި ދިގު މުއްދަތަކަށް ސުލްހަ ގާއިމްވެގެން ދާނެއެވެ. އަދި ޚަލީލްގެ ޕޯސްޓުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނާއި އދ ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަން ތަކުރާރު ކުރައްވައިފައެވެ.
މިސްރުން މި ހުށަހެޅުން ހުށަހެޅީ ގާޒާއިން އެ ތަނުގެ މީހުން ބާލައި އެމެރިކާގެ ދަށަށް ގާޒާ ގެންދަން އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް ހުށަހަޅުއްވާފައި ވަނިކޮށެވެ. މި ހުށަހެޅުމަށް ރާއްޖެއިން ތާއީދުނުކުރާ ކަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފައެވެ.