ކުރީ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް މުރާޖާ ކުރުމަށް ފަހު މި ރޯދަމަސް ފެށެން ގާތްވެފައި އޮއްވާ ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1000 ޝަކުވާ ހުށަހަޅައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރުނު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޝަރުތު ހަމަވާ ކަމަށް އޮތީ 1820 މީހުންނެވެ. އަދި މި ލިސްތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހޖުގެ ނިޔަލަށް ހުޅުވާލާފާއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، ފްލެޓު ހޯދުމަށް ފޯމުލީ މީހުންނަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެ ކަމަށެވެ. އަދި އެހެން ފަރާތްތަކަށް ވެސް ހައުސިން މިނިސްޓްރީގެ މެއިލް އަށް ޝަކުވާ ހުށައެޅޭނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

ރެއާ ހަމައަށް 1000 އެއހާ ޝަކުވާ ލިބިފައިވާ އިރު، ޕޯޓަލް މެދުވެރިކޮށް ލިބުނީ 638 ޝަކުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާންމު ގޮތެއްގައި ޝަކުވާ ލިބިފައިހުރީ ލިސްޓުގައި ނަން ނެތިގެން ކަމަށާއި އަދި ޕޯޓަލްގައި ޝަކުވާ ހުށައަޅާއިރު ލިޔުމަށް އޮންނަ ބަހުގެ ލިމިޓު ކުޑަވެގެން ވެސް ޝަކުވާ ލިބިފައި ހުރި ކަމަށް ނަޒީމް ވިދާޅުވިއެވެ. މި ޝަކުވާއާ ގުޅިގެން ޕޯޓަލް ތެރެއިން ޝަކުވާ ލިޔާ ލިމިޓް 3000 ލަފްޒަށް އިތުރު ކުރާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ ޝަކުވާގެ ތެރޭގައި އެންމެ ގިނައިން އޮތީ މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކޮށް ދިނުމުގައި ހުރި ދަތިތައް ކަމަށް ނަޒީމް ވިދާޅުވިއެވެ. މިވަގުތު އިތުރު ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ނަމަވެސް ޝަކުވާތައް ބެލުމަށްފަހު ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޒީމް ވިދާޅުވިއެވެ.