ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، އެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށްވެސް ހުށަހަޅައިފި އެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވާ ހާލަތެއްގައި އިސްތިއުފާ ދޭކަން އަންގަވައި، އިސްތިއުފާ ދޭ ތާރީހާއެކު ލިޔުމަކުން ޖޭއެސްސީއަށް އަންގަން ޖެހެއެވެ. ނަމަވެސް ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށެވެ.

އެހެންކަމުން ގާނޫނު ބުނާގޮތަށް ޖޭއެސްސީއަށް ސިޓީ ލިބިފައިނުވާތީ ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެއާއެކު ސުއޫދު ވަނީ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ވެސް ސުއޫދު ފާހަގަކުރައްވާފައި ހުރީ އޭނާ އިސްތިއުފާދެއްވަން ރައީސް އަށް ފޮނުއްވި ސިޓީގައި ވެސް ފާހަގަކޮށްފައިވާ ކަންތައްތަކެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ ރައީސް ބޭނުންވެލައްވާ ގޮތަށް ނިންމެވުމަށް ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވެެއެވެ.

އަދި ހަމައެހެންމެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށާއި، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިވަގުތުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށް މީގެ އިރުކޮޅެއް ކުރިން ޖޭއެސްސީއަށް ސުއޫދު ފޮނުއްވި ސިޓީގައިވެ އެވެ.

ސުއޫދަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. ސުއޫދުގެ އިތުރުން ސަސްޕެންޑޫކޮށްފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

މި ތިން ފަނޑިޔާރުންވެސް ސަސްޕެންޑުކޮށްފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ. ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 8، 2019 ގައެވެ.