މި ވަގުތު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާމެދު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝާހިދު އައްޔަންކުރުމަށް ނިންމަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދު ނަން މަޖިލީހަށް ފޮނުއްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރެއްވުމަށް ނިންމެވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެގޮތަށް ލަފާދީފައިވާތީކަން ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އޭސީސީއިން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ޖޭއެސްސީއިން ވަނީ ސުޕްރީމްކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައި ވަނީ ވެސް ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
މި މަހު ހަތަރުވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާއިރު އެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު ކުރިމަތިލިއެވެ. އެއީ ޝަހީދުގެ އިތުރުން ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލި 3 ބޭފުޅުންގެ އިންޓަވިއުއަށްފަހު ޖޭއެސްސީއިން ނިންމީ ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވުމަށެވެ.