ކުރީ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، ބައެއް އާންމުން ހައުސިން މިނިސްޓްރީ އަށް ހިނގައްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލިސްޓު ހާމަކުރުމުގެ ކުރިން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓުގައި އޮތް 4،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އޮތީ 1،820 މީހުންގެ ކަމަށެވެ. އަދި މި މަހު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާނެ ކަމުގައި ވިދާޅުވިއެވެ.
އެ ދުވަހު ހަވީރު ލިސްޓު އާންމުކޮށް މިނިސްޓްރީން ވަނީ 'ގެދޮރުވެރިން' ޕޯޓަލްގެ އިތުރުން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ޝަކުވާ ފޮނުވުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެކަމަކު ޝަކުވާ ހުށަހަޅަން ހުޅުވާލި ގޮތާ މެދު އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެއަށް ގޮސްފައެވެ.
އާންމުންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ 2022 ވަނަ އަހަރު ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައި ކުރި އިއުލާނުގައި، މާލޭގައި ދިރިއުޅުނުކަމަށް ބަޔާންކޮށްދޭން ޖެހޭ 15 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވަކި މުއްދަތަކަށް މާލޭން ބޭރުވެފައިވޭތޯ އަންގައިދޭން ބުނެފައި ނެތް ނަމަވެސް، ލިސްޓު މުރާޖައާކުރުމުގައި މާލޭން ބޭރުގައި ވަކި މުއްދަތެއް ހޭދަވެފައިވާ ނަމަ ޝަރުތު ހަމަނުވާކަން ކަނޑައަޅާފައި އޮތުމުން، އެކަން ބަޔާންކޮށްދޭން އިތުރު ލިޔުމެއް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ނެތުމެވެ.
މީގެ އިތުރުން އާންމުންގެ ދެން އޮތް ކަންބޮޑުވުމަކީ ކައުންސިލްތަކުގެ ސިޓީ އޭރު ބަލައިގަތުމުން އިތުރު ލިޔެކިއުން ހުށަނާޅާ މީހުން ޑިސްކޮލިފައިކޮށް، މިފަހުން ބަލަން ފެށި އުސޫލުގައި ކައުންސިލްތަކުގެ ސިޓީ ބަލައިގަތުން ހުއްޓާލާފައި އޮތުމުން ހުށަނާޅާ ލިޔެކިއުން ހުށަހަޅަން ފުރުސަތު ދީފައި ނެތުމެވެ.
މިކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް އަޑުއައްސަވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، އާންމުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ލިޔެކިއުންތައް އެޓޭޗްކުރެވޭނެ ގޮތެއް ހެދޭތޯ މިނިސްޓްރީގެ ވެރިންގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށާއި، އެއްބަސްވުން ހެދިފައިވާ ފްލެޓުތަކުގެ ވެރިން ކަށަވަރުނުކޮށް އެހެން ފަރާތަކަށް ފްލެޓު ދޫނުކުރާނެ ކަމަށެވެ.