ހުޅުމާލެ އާސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމާ ގުޅިގެން މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށެވެ.
އެގޮތުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް އެކި ފަހަރު މަތިން ވިއްސާރައާ ގުޅިގެން މާލޭގެ އާސަހަރާގައި ވަގުތީ ގޮތުން މީހުން ވަޅުލާފައި ވެއެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ދަތިވެގެން މާލޭ ސަހަރާގައި މީހުން ވަޅުލާފައިވެއެވެ.
ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު ރޭ މާލޭއާއި ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެ އެކިވަރުގެ ގެއްލުން ލިބިފައެވެ.