މާލެއަށް ރޭ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ބައެއް ގޭގެއިން ނަޖިސް ބޭރުވުމުގެ ސަބަބުން އެ ގެ ތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
މިދިޔަ ހަފްތާ ބަންދުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި އިއްޔެ ހެނދުނުން ފެށިގެން މެދުކެނޑުމެއް ނެތި ވިދާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވެއެވެ. އެހެންވެ ގޭގޭގައި ވެލިބަސްތާ ޖަހައިދީ ވިއްސާރައިގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ސިފައިންނާއި ފުލުހުންނާއި ސިޓީ ކައުންސިލުންނާއި ބައެއް އާންމުން ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.
މި މަސައްކަތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމްގެ އިތުރުން ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެންޑީއެމްއޭއިން 'އެކްސް'ގައި ހާމަކުރި ގޮތުގައި ފެން ބޮޑުވެ، ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ގެންގޮސްފައިވެއެވެ.
ރޭ ކުރި ވިއްސާރައާ ގުޅިގެން މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ގޭގެއަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އެރި ކަމަށް، އެންޑީއެމްއޭއިން އޭރު ހާމަކުރި ތަފާސްހިސާބުގައި ވެއެވެ.