މިއަދު އާންމުކުރި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޒައްރެއްގެ މިންވަރު ގެ ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދެއްވާނެ ޔަގީންކަމަކީ މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާފައި ނުވާނެކަން ކަމަށެވެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ދާއިރާގެ މައުލޫމާތު އެނގެންފެށި ހިސާބުން ނުފޫޒެއް ނުފޯރުވާ ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނެރުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ފްލެޓް ލިސްޓު ނެރެފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އެ ސަރުކާރުން އިއުލާނު ކުރި ޝަރުތުތަކާއި ޕޮއިންޓް ދޭނެ އުސޫލާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލިސްޓުން އުނިވެފައިވާ މީހުންގެ މައުލޫމާތު އޭގެ ސަބަބާއެކު ހިމެނިފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެކި ސަބަބުތަކާހުރެ ފްލެޓް ނުލިބުނު ރައްޔިތުންނަށް ރައީސް ވިދާޅުވީ އެއްވެސް ސަބަބަކާހުރެ ލިސްޓުގައި ނުހިމެނޭނަމަ އެކަން އޮޅުންފިލުވުމަށް ނުވަތަ ޝަކުވާ ހުށެހެޅުމުގެ ފުރުސަތު ރޯދަ މަސް ނިމެންދެން ހުޅުވާލާފައިވާ ކަމަށެވެ. އަދިފްލެޓް ލިސްޓަށް ލިބޭ ޝަކުވާތައް ބެލުމަށްފަހު ބާކީ އެއްވެސް ފްލެޓެއްވާނަމަ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް އެ ފްލެޓްތައްދޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވޯ ވައުދުވެވަޑައިގެންނެވި ފަދައިން އެއްވެސް ރައްޔިތަކަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ފްލެޓްއެއް އަތުނުލައްވާނެ ކަމަށެވެ. އަދި އެ ވައުދުގެ މަތީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކަންކަން ކުރިއަށް ގެންދާނީ އިންސާފުވެރިކަމާއެކު ދެފުށްފެންނަ ގޮތަށް ކަމަށް ރައީސް ވިދާޅުވީއެވެ.