ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި އަނބިކަނބަލުން މަރިޔަމް ތައުފީގުގެ ނަން އޮތް ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓް ދޫކޮށްލައްވަން ހައިދަރު ނިންމަވައިފިއެވެ.
ހައިދަރު ވިދާޅުވީ، އޭނާ މި ހުންނެވި ހައިސިއްޔަތުގެ ގޮތުން އޭނާ އާއި އަނބިކަނބަލުންގެ ނަމުގައި ކަނޑައަޅާފައި އޮތް ފްލެޓް ލިބިވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ދެ ކަނބަލުންނަށް ލިބުނު ތިން ކޮޓަރީގެ ފްލެޓް ދޫކޮށްލައްވަން ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ދެމަފިރިންނަށްވުރެ މި ސްކީމުން ފްލެޓެއް ހައްގުވާ އެތައް އާއިލާއެއް ތިބޭނެއެވެ." މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު ހައިދަރު މިރޭ ނެރުއްވި ކުރު ބަޔާނެއްގައި ވެއެވެ.
ކުރީ ސަރުކާރުން 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ދޫކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް ޝަރުތު ހަމަވާ ފަރާތްތައް މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން ޝަރުތު ހަމަވާ 1،820 މީހުންގެ ތެރޭގައި ހައިދަރުގެ ދެކަނބަލުން ހިމެނެއެވެ. ނަމަވެސް ގިނަ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވި ހައިދަރަށް ފްލެޓް ލިބުމުން އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން 'އެކްސް'ގައި މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ލިޔުއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީ ސަރުކާރުން ޕޮއިންޓު ދިނުމަށް ފަހު ނޮވެމްބަރު 15، 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓު ހައިދަރުގެ ދެކަނބަލުންނަށް ލިބިވަޑައިގެންފައިވެއެވެ.
"އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުތު ހަމަވާއިރު، އޭސީސީގެ އެންގުމަށް މިސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން ޝަރުތު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނުވޭ،" މުއްތަލިބު ލިޔުއްވާފައިވެއެވެ.