އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މައުލޫމާތު މިޔަދު އާންމުކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ނޮވެމްބަރު 15، 2023 ގައި އޭރު އާންމުކުރި ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މައިގަނޑު ދެ ކަމަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެ ކަންކަމަކީ:
- މާލޭގައި މެދުނުކެނޑި 15 އަހަރުވަންދެން ދިރިއުޅުނުކަން
- ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަށް ބަލައި ދިން ޕޮއިންޓް
މިނިސްޓްރީން ބުނީ، ހުށަހެޅި ލިޔެކިއުންތައް ބަލައި، ޕޮއިންޓަށް ބަދަލު އައިސްފައިވާ ނަމަ 'ގެދޮރުވެރިން ސްކީމް' ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ލީ މީހުންނަށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އޭސީސީގެ ތަހްގީގަށް ފަހު ފްލެޓް ލިސްޓު މުރާޖައާކޮށް ފްލެޓް ލިބުނުކަން ކަނޑައެޅިފައިވަނީ މާލޭގައި ދިރިއުޅުނުކަން ކަށަވަރުވެފައިވާ މީހުންނަށާއި އާންމުކުރި އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާނަމަ:
- 2 ކޮޓަރީގެ އެޕާޓްމަންޓް: 73 ޕޮއިންޓް
- 3 ކޮޓަރީގެ އެޕާޓްމަންޓް: 75 ޕޮއިންޓް
މި ލިސްޓާ އެކު މިނިސްޓްރީން ވަނީ ޝަކުވާ ހުށަހަޅަން މާޗް މަހުގައި ފުރުސަތު ހުޅުވާލައިފައެވެ. މިނިސްޓްރީން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، އަދި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ.
ލިސްޓުގައި ޝަރުތު ހަމަނުވާ މީހުންގެ މައުލޫމާތު ވެސް އާންމުކޮށްފައި އެބަހުއްޓެވެ.
ފްލެޓް ލިސްޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓް ލިސްޓުގައި އޮތް 4،000 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 1،820 މީހުންގެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދެ ކޮޓަރީގެ 1،250 ފްލެޓް އަދި ތިން ކޮޓަރީގެ 2،750 ފްލެޓް ހިމެނޭ 4،000 ޔުނިޓަށް ޝަރުތު ހަމަވި ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން ދެ ކޮޓަރިއަށް 73 ޕޮއިންޓް އަދި ތިން ކޮޓަރިއަށް 75 ޕޮއިންޓް ލިބޭ އެންމެންގެ ފޯމުތައް މުރާޖައާކުރީ ފޯމު ހުށަހެޅި ޕޯޓަލްގެ ތެރެއިން ކަމަށާއި ހުށަހަޅާފައި ހުރި އެއްވެސް ލިޔުމަކަށް ބަދަލެއް ގެނައުމުގެ ފުރުސަތު ފޯމު ބެލި ފަރާތްތަކަށް ނުލިބޭ ކަމަށެވެ.
އެހެންކަމުން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރެވިފައި ވަނީ ރައްކާތެރިކަމާ އެކު ސަރުކާރުގެ ޑޭޓާބޭސްތަކުގައި ހުރި މައުލޫމާތު ބަލައި ޗެކްކޮށް ކަމަށާއި އެއީ ފޯމު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައި ހުރި މައުލޫމާތު އަޅާ ކިޔައި ބަލައި ވެރިފައި ކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.