ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް "އެކްސް" ގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި ވަނީ މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ގައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުންނެވެ.
މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ގައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.