2 ކޮޓަރީގެ އެޕާޓުމަންޓަކަށް މެއިންޓެނޭންސް ނުލައި 7000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 9000 ރުފިޔާ ނަގަން ނިންމައިފިއެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓް

  • ކުލީގެ ގޮތުގައި 7،000ރ.
  • މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ.
  • ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000ރ.

ތިން ކޮޓަރީގެ އެޕާޓްމަންޓް

  • ކުލީގެ ގޮތުގައި 9،000ރ.
  • މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ.
  • ސެކިއުރިޓީ ފީގެ ގޮތުގައި 25،000ރ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދާ 4000 ހައުސިން ޔުނިޓްގެ ތެރެއިން ޝަތުރު ހަމަވެ ދޫކުރެވޭ މީހުންގެ އަަދަދު ހާމަ ކޮށްފައި ވާ އިރު، 2 ކޮޓަރިއާއި 3 ކޮޓަރީގެ ޔުނިޓްތަކުގެ ކުއްޔާއި މެއިންޓަނެންސް އަގުތައް ވެސް މިއަދު ވަނީ އާންމު ކޮށްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލިސްޓް މިއަދު 3 ޖަހާއިރު ގެޒެޓް ކުރެވޭނެ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި މި ޔުނިޓްތަކުގެ އަގު ކަމަށް ހާމަ ކުރީ ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓަނެންސް ފީ އާއެކު 6،000ރ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މެއިންޓަނެންސް ފީއާއެކު 8000ރ އެވެ.

މިއަދު މުއްތަލިބު ވިދާޅުވީ އެއީ ލޯނު ދައްކަން ޖެހޭ އަދަދަށް ބެލުމެއް ނެތި އަދި އެސެސްމަންޓް ވެސް ހެދުމެއް ނެތި ކަނޑައަޅާފައި ވާ އަގުތަކެއް ކަމަށެވެ.

އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަކުން އިމާރާތް ކުރާ 4000 ހައުސިން ޔުނިޓް ހަމަ އަގުގައި ކުއްޔަށް ދޭ ނަމަ، 2 ކޮޓަރިއަށް 9000ރ އަދި 3 ކޮޓަރިއަށް 13،000ރ ހޯދަން ޖެހޭ ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ދޫކުރަން ކަނޑައެޅި ފީއަށް ބަލާ އިރު ވެސް ދައުލަތުން 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށާއި، ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކަކީ ދައުލަތަށް ބުރައަކަށް ނުވާގޮތަށް ހިންގާ މަޝްރޫއުތަކަށް ވާން ޖެހޭ ކަމަށެވެ. އެހެން ކަމުން ކުރީ ސަރުކާރުން ކަނޑައެޅި ކުލި ރިވިއުކޮށް ބަދަލު ގެނައީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.