ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އެބަ އޮތްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޒަކިއްޔާ މަރުވި ފަހުން 6 މަސް ދުވަސް ފާއިތުވި ނަމަވެސް އެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ދަނީ ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ. އިހުތިޖާޖުގެ ބައިވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ ހޮޅުދުއަށް ވަޑައިގެންފައެވެ.
އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ރައްޔިތުންނާއެކު ރޭ ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވީ، ރައްޔިތުން ހިއްސާކުރި މައުލޫމާތު އަޑު އެހުމަށް ފަހު، ޒަކިއްޔާގެ މަރުގެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ފުލުހުން އެ ދުވަހު އަމަލު ކުރި ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައާ ގުޅިގެން ޝުޖާއު ވިދާޅުވީ، މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އޭގެ އެންމެ ފުންމިނަށް ދިއުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މައްސަލާގައި ލިބެންހުރި ހެކިތަކާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ވެސް މަޝްވަރާކޮށް ރައުޔު ހޯދާފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ އެ މައްސަލަ އިތުރަށް ދިގުލައިގެން ދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށް ވެސް ޝުޖާއު ވިދާޅުވެފައި ވެއެވެ.
ޒަކިއްޔާގެ ފިރިމީހާ، އޭނާގެ ފިރިހެން ދަރިފުޅު އަދި ފިރިހެން ދަރިފުޅުގެ އަންހެނުންގެ ބައިވެރިވުން ޒަކިއްޔާގެ މަރުގައި ޝާމިލުވާ ކަމަށް ރަށުގެ ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ބުނަމުންދިޔަ ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ލޭ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާ މޫސާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ އިރު، އެކަމާ ގުޅިގެން ޒަކިއްޔާގެ އާއިލާއިން އަދި ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއިމެދު ހުރި ކަންބޮޑުވުންތައް އޭނާގެ ގާތްތިމާގެ މީހުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ވެސް ވަނީ ހިއްސާކޮށްފައެވެ.