ސިޔާސީ ބައެއް ފަރާތްތަކުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސް މުއިއްޒުގެ ތަސައްވުރަށް ހުރަސްއައެޅުމަށްކަމަށާއި ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަދޭނެ ސަރުކާރެއް ނޫންކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވައި، ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިގައެވެ.

ނައިބު ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ އިތުރުން ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތައް ހުއްޓުވުމަށް އިހުސާންގެ ބެއްލެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މި މަސައްކަތްތައް ކުރިއަށްދަނީ މީގެ ކުރިން ނުހިނގާ ބާރުމިނުގައިކަމަށެވެ. އަދި މި މަސައްކަތްތައް ކާމިޔާބުކަމާއެކު ހިނގަމުންދާކަމަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރިޔާސަތުން ހުށަހެޅުމުން، ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން ފިޔަވައި 63 މެންބަރުން ވޯޓު ދެއްވީ އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށެވެ.