ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިނުވެ 11 މެންބަރުން ތިއްބެވި ވާހަކަތައް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހް ދޮގު ކުރައްވައިފިއެވެ.

ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް، ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައި ނުގަންނަވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ދާދި ދެންމެއަކު ފަލާހް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވޯޓުގައި ބައިވެރިވެފައި ނުވަނީ ދެ މެންބަރުން ކަމަށެވެ. އަނެއް 9 މެންބަރުން އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި މާލެއިން ބޭރުގައި ކަމަށްވެސް ފަލާހް ވަނީ ވިދާޅުވެފައެވެ. އެއާއެކު ޖަލްސާއަށް ހާޒިރުވެ، ބިލަށް ވޯޓު ނު ދެއްވި ދެ މެންބަރުންގެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުފުޅުތަކުގަ. 2 މެމްބަރުން ވޯޓުގައި ބައިވެރިނުވެވުނީ،"
ފަލާހް

އެކަމާ ހިތްހަމަނުޖެހިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދާ ދަނޑިވަޅެއްގައި ވެސް މެއެވެ.

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވާއިރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 މެންބަރުންނަށް މަދު ކުރުމަށެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ވެސް ވެއެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއިރު، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވަނީ ހަތަކަށް އަލުން އިތުރުކޮށްފައެވެ.