ރޯދަމަހަށް ހާއްސަކޮށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުގައި ދިގު ކިއުތަކެއް ހަދާ ގިނަ ވަގުތު ހޭދަކުރަން ޖެހުމާއެކު، ޓޯކަން ނިޒާމަކުން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ދޫކުރަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަސްދަޅު ކޭސް ބަލައި ދިޔަ މީހުންގެ ކިއު ކޮޅު ނުފެންނަ ވަރަށް ދިގުދެމިފައިވާ އިރު، ގިނަ އިރު ކިއުގައި ތިބެން ޖެހުމުން އާންމުން ވަނީ މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމަށް ފާޑުކިޔާފައެވެ.

މަސްދަޅު ކޭސް ދޫކުރާ އިންތިޒާމް ފަސޭހަ ކޮށްދޭނެ ކަމަށް ބުނެ ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ، އޮންލައިންކޮށް ޓޯކަންއެއް ނަގައިގެން މަސްދަޅު ކޭސް ދޫކުރާ ގޮތަށް ހަމަޖއްސާނެ ކަމަށެވެ. އެގޮތުން 13 ތަނަކުން މަސް ދަޅު ކޭސް ދޫކުރަން މިހާރު ހަމަޖައްސާފައިވާ އިރު، އެ މަރުކަޒުތަކުން ޓޯކަން ނެގޭނެ ކަމަށާއި އަދި ދޫކުރާ ޓޯކަން އަށް މަސްދަޅު ކޭސް ނެގޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށް ނިމެންދެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ޓޯކަން ދޫކުރާ ނިޒާމުގެ ތަފްސީލް އަދި ފަހުން އާންމު ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މަސްދަޅު ދޫކުރާ މަރުކަޒުތަކާއި ދޫކުރާ ޓޯކަންގެ އަދަދު:

  • މިފްކޯ މައި އިމާރާތް- 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް- 200 ޓޯކަން
  • ހެންވޭރު ދަނޑު- 100 ޓޯކަން
  • ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
  • ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
  • ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
  • ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
  • ސޯޝަލް ސެންޓަރު- 100 ޓޯކަން
  • ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
  • ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
  • ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
  • ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
  • ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން

މިރެއިން ފެށިގެން 13 ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވާ އިރު، މީ ހޫނު ގަދަ ދުވަސްވަރު ކަމުން ރޭގަނޑު މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 8 އިން 12 އަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.

އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާ އިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް އެއްވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ފަރާތްތަކުން މަރުކަޒަށް ދިއުމުން މަރުކަޒުގައި ތިބޭ މުވައްޒަފުން އެހީވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް ވެސް ބުނެއެވެ.