މާލޭގައި މަސްދަޅު ކޭސް ހޯދުމަށް ދިގު ކިއުތަކެއް ހަދާ ގިނަ ވަގުތު ހޭދަކުރަންޖެހުމާއެކު، މާދަމާރެއިން ފެށިގެން އިތުރު ސަރަހައްދުތަކުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ސިޓީޒް ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި މަސްދަޅު ބަހާފައިވަނީ މިފްކޯ އޮފީސް ކޮމްޕައުންޑުގައާއި، ހެންވޭރު އެމްޓީސީސީ ސޯމިލުގައެވެ. ސްދަޅު ކޭސް ހޯދަން ހަދައިފައިވާ ސަފުތައް ދިގުވުމުގެ ޝަކުތަކާއެކު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން، ސޯޝަލް ސެންޓަރު، ހެންވޭރު ދަނޑު އަދި ހުޅުމާލެ ފޭސް 1 އަދި 2 ގައި މަސްދަޅު ބަހާނެކަމަށެވެ.

ޖުމްލަ 13 ސަރަހައްދެއްގައި މަސްދަޅު ބެހުމަށް ކޮންމެ ތަނެއްގައި 5 މޭޒު ބޭނުން ކުރާނެކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ދުވާލު ގަޑީގައި ހޫނުގަދަވާނެކަމަށް ފެންނާތީ، އެ ގަޑީގައި ރޯދަ ހަދިޔާ ދޫނުކުރާނެ ކަމަށެވެ. ރޭގަނޑުގައި ވެސް ކިއުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ ކަންބޮޑުވުންފާޅުކޮށް މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރުމަށް އިތުރު މީހުން ހޯދުމާއެކު އިންތިޒާމުތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ދިގު ކިއުއަށް ނޭރިއަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 28 ފެބްރުއަރީގެ ފަހުންވެސް ރޯދަ ހަދިޔާ ދޫކުރާނެކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ ގިނަ ވަގުތު ކިއުގައި ނެތަސް ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ލިބޭނެކަމަށެވެ.