ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ލަންކާގެ މީހަކު މަރުގެ އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓްތަކެއްގައި މިނިސްޓަރު ހަލީލަށް އިންޒާރުދީފައި ވަނީ ނަދީޝް ޕެރެރާ ކިޔާ ސްރީލަންކާގެ މީހެކެވެ.

އެގޮތުން މިނިސްޓަރު ހަލީލާއެކު އޭނާ ކުރި ޕޯސްޓްތަކުގައި ވަނީ މިނިސްޓަރުގެ ކާރު އެކްސިޑެންޓްވެ މިނިސްޓަރު މަރުވެދާނެ ކަމާމެދު ސުވާލުއުފައްދާފައެވެ. އަދި މިނޫނަސް އެކި ގޮތްގޮތުން މިނިސްޓަރާ މަރު ބައްދަލުކޮށްފާނެކަން ދޭހަވާ މޭރުމުން އޭނާ ވަނީ އިންޒާރު ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ގުޅުން ހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ހަލީލަށް އިންޒާރުދީފައިވާ މީހާއަކީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާ މީހެކެވެ.