މާލޭގައި އުޅޭ ކޮތަރުތަކަށް ބައްޔެއް ޖެހި އެ ބަލި ފެތުރެމުންދާ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަމުގެ ޝަކުވާ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ ބަލި ފެތުރޭ ސަބަބު މިހާތަނަށް އެނގިފައި ނުވާ ކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ބަލި ދެނެގަނެވުނުހާ އަވަހަކަށް އެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ. އެ މިނިސްޓްރީން ހިއްސާ ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި ކޮތަރުތަކުގެ އަނގަ ކައިރިންނާއި އަނގައިގެ އެތެރެ އަދި ލޯ ކައިރިން ފާރުތަކެއް ފެނެއެވެ.
މިއީ ކޮން ބައްޔެއްކަން މިހާތަނަށް ޔަގީން ނުކުރެވޭއިރު ފެންނަ ފެނުމަށް ލަފާ ކުރެވެނީ ކޮތަރު ތަކުގެ މެދުގައި ފެތުރެމުންދަނީ 'ޕިޖަން ޕޮކްސް' ކަމަށެވެ. ޕިޖަން ޕޮކްސް ވައިރަސްގެ ސަބަބުން ޖެހޭ މި ބަލި އާންމުކޮށް ޖެހެނީ ކޮތަރުގެ ފަތް ނުހުންނަ ހިސާބުތަކުގައެވެ. އެގޮތުން ލޯ ކައިރި އަދި ތުނބު ކައިރި މި ބަލީގެ އަލާމާތްތައް ފެންނަން ހުރެއެވެ. ކޮތަރު ތަކުގެ މެދުގައި ފެތުރޭ ވައިރަލް މި ބަލީގެ އެއްވެސް ނުރައްކަލެއް އިންސާނުންނަކަށް ނުވެއެވެ.
ކޮތަރަކީ މާލޭގައި އުޅެމުންދާ އެންމެ އާންމު އެއް ދޫނި ކަމަށްވާއިރު މި ދޫނިތަކަށް މީހުން ކާންދީ އުޅެއެވެ. އަދި ކޮތަރުތައް އެންމެ ގިނައިން ޖަމާވާ ޖުމްހޫރީ މައިދާނަށް ހަވީރު ފިންޏަށް ކުޑަކުދިން ގޮވައިން ގޮސް ކާންދީ އުޅުމަކީ ގިނަ ބަޔަކަށް ލިބޭ އުފަލެކެވެ.
މީގެ ކުރިން 2022 ވަަނަ އަހަރު ވަނީ ޖުމްހޫރީ މައިދާނުގައި ވިނަ ހައްދަން ޖެހި ކެމިކަލް ބޭހެއްގެ އަސަރުކޮށްގެން ވެސް ކޮތަރުތަކަށް އޭގެ އަސަރުކުރި މައްސަލައެއް ވަނީ ގެންމަތިވެފައެވެ.