ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަ އާ ބައްދަލުކުރައްވައިފި އެވެ.
ހަލީލް ލަންކާއަށް ކުރައްވާ މި ދަތުރަކީ ލަންކާގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ތިން ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ. އެގޮތުން މި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ސްރީލަންކާއިން ދެމުން ގެންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ލަންކާގެ ބޮޑުވަޒީރު ވަނީ ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް ފުޅާކުރައްވާނެ ކަމުގެ ޔަގީން ދެއްވާފައެވެ.
ލަންކާގެ ބޮޑުވަޒީރުގެ އިތުރުން، މި ދަތުރުގައި އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލު، ވަޒީރު ބައްލަވައިލައްވާނެ ކަމަށް ހާރިޖީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ހަލީލާއެކު ލަންކާއަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އެވެ.
މިއީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 30ގައި ހާރިޖީ ވަޒީރު ކަމަށް އައްޔަންކުރެއްވި ހަލީލް، އެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.