ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ގެނައި ގިނަ އަދަދެއްގެ ވެހިކަލް ތަކެއްގެ މައުލޫމާތު ހިއްސާކުރުމަށް މަޖިލީހުން އެދިއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014 ވަނަ އަހަރުން 2017 ވަނަ އަހަރާ ދެމެދުގައި ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރުމަށެވެ.
2014-2017 އަށް އެތެރެކުރި އުޅަނދުތައް
- 2014 ވަނަ އަހަރު: ކްރޭންއަކާއި ދެ ވައްތަރެއްގެ ދެ ވޭން
- 2015 ވަނަ އަހަރު: ދެ ސައިކަލު
- 2016 ވަނަ އަހަރު: ކާރެއް
- 2017 ވަނަ އަހަރު: އެއް ސައިކަލާއި ތިން ޓަވަރު ކްރޭން އާއި 14 ކްރޭން ލޮރީ
އެ ސިޓީގައި ބުނެފައި ވަނީ، އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވާ ބޭނުމާއި އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތް އަދި އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއް ފުލުހުންގެ އިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ އުޅަނދުތަކުގެ ތަފްސީލު ފޯރުކޮށް ދިނުމަށެވެ. އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ކާރަކީ ކޮން ބޭނުމެއްގައި އެތެރެކޮށްފައިވާ ކާރެއްކަން އަދި އެ ކާރު އޮތީ ކޮން ފަރާތެއްގެ ބެލުމުގެ ދަށުގައިކަން އަދި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ކޮޕީތައް ފޮނުވަން ވެސް ވަނީ އެދިފައެވެ.
މި މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފާހަގަ ކުރެވި އެ މައްސަލަ އަންނަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުންނެވެ.
އެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލު ކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް އެހެން ކުންފުނިތަކަކާވެސް ހަވާލުކުރިއެވެ.
މިދިޔަ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައިކަން އެނގެްެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައި ނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މަ މަޝްރޫއާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެފައި ވަނީ، މަޝްރޫއުގެ ބިޑިން ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބެލުމަށް އޮޑިޓުގެ ސްކޯޕުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް 2013 ގައި ފެށި މި މަޝްރޫއާ ގުޅިގެން ޕޮލްކޯ މެނޭޖްމަންޓުން ބުނެފައި ވަނީ ސާވާ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ލިޔެކިޔުންތައް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ފެންނަން ނެތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ގެޒެޓްގައި ވެސް މި މަޝްރޫއަށް އިއުލާން ކޮށްފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިކަންކަން ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށި ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެކެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
މި މަޝްރޫއު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން އުފެއްދި ސަބް ކޮމިޓީން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަިއ ވަނީ ޕޮލްކޯގެ އިތުރު ކޮރަޕްޝަން މައްސަލަތަކެއް ހުރި ކަން ހާމަވެފައެވެ. އެ ސަބް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިހާރު ފުލުހެއްގެ މަގާމުގައި ހުންނެވި "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަަތަކެއްގެ މައުލޫމާތުތަކެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު އޭސީސީން ވަނީ ޕޮލްކޯ ބަލައި ފާސްކުރުމަށް ވަދެފައެވެ. އެއަށް ފަހު އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޕޮލްކޯގެ ކޮރަޕްޝަނާ ގުޅުން ހުރި ހެކި ހޯދުމަށް އޭސީސީން ވަނީ އެތަނަށް ވަދެފައެވެ.