އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު 16 އިން 18 އަށް ސައޫދީ އެރެބިޔާގެ ރިޔާޒުގައި އޮތް "އާކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގައި ސައޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައެވެ.
މި އެއްބަސްވުމަކީ އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި، އޯޑިއޯވޝުއަލްސް ބެލެހެއްޓުމާއި، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އާކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.
ޔޫތު މިނިސްޓްރީއިން ބުނީ މި އެއްބަސްވުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް މުހައްމަދު އާމިރު އަހްމަދު، ސައޫދީ އެރެބިޔާގެ ރިޔާޒަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ގާއިމުވި ގުޅުންތަކުގެމައްޗަށް އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް މުހައްމަދު އާމިރު އަހްމަދެވެ. އަދި ސައޫދީ އަރަބިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެންޓާ ފޯ އާކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރު ޖެނެރަލް ޑރ. ފައިސަލް އަބްދުލްއަޒީޒު ތަމީމީއެވެ.