މި އަހަރުގެ ރަމަޟާން މަހަށް ގޭބީސީތަކަށް، ސަރުކާރުން ދޭ މަސްދަޅުކޭސް ދޫކުރާ ގަޑި އަދި މަރުކަޒުތަކަށް ބަދަލު ގެނެސްފިއެވެ.
ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށްވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށަން ފުރަތަމަ ނިންމާފައި ވަނީ މިއަދު މެންދުރުފަހު 2:30ގައި ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މިހާރު މި ހަރަކާތް ފަށަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި ބަހަން ނިންމާފައިވާ ސަރަހައްދުތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓޯއިން ބުނީ ކުރީގެ ތަޖުރިބާތަކަށް ބަލައި، މި އަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
- ފެބްރުއަރީ 20 - 20:30 އިން 23:00 އަށް
- ފެބްރުއަރީ 21 - ބަންދު
- ފެބްރުއަރީ 22 - ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
- ފެބްރުއަރީ 23 އިން ފެބްރުއަރީ 27އަށް - މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތަކަށް ބަލާއިރު މާލޭގައި މަސްދަޅު ކޭސް ބަހަން ނިންމާފައި ވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގައެވެ. އަދި ވިލިމާލޭގެ ވެމްކޯ ސައިޓްގައި މަސްދަޅު ކޭސް ބަހަން ނިންމާފައިވެއެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް-1 ގެ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް-2 ގެ ހިޔާ ފްލެޓް ޓަވާ 10ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވެއެވެ.
އެސްޓޯއިން މީގެ ކުރިން މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ނިންމީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އެހެން ނަމަވެސް މިނިންމުން ބަދަލުކޮށްފައިވާ ކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވާ އިރު މި މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީީ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ގުޅިގެންނެވެ.