ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ މީހުންނަށް، އެ ގައުމުގެ ރުޕީސްއާއި ދިވެހި ރުފިޔާއިން ފައިސާ ފޮނުވޭނެ ގޮތެއް ހޯދައިދޭން ލަންކާއިން ރާއްޖޭގައި އެދިއްޖެއެވެ.
ލަންކާގެ ފަރާތުން ފޮރިން މިނިސްޓަރު ވިޖިތަ ހިރާތު ހުށަހެޅުއްވިއިރު، ރާއްޖޭގައި ލަންކާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ވަޒީފާގެ ފުރުސަތުތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިޖިތަ ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް، އެ މީހުން ދެ ގައުމުގެ މެދުގައި ކުރާ ފައިސާގެ މުއާމަލާތްތައް ރުފިޔާއާއި ރުޕީސްއިން ކުރެވޭނެ ގޮތެއް ހޯދުމަށް ވިޖިތަ ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ލަންކާއާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ވަރުގަދަ ކުރަން ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އިގުތިސާދީ ގޮތުންނާއި އިންވެސްޓްމެންޓުތަކުންނާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގައި ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ފަތުރުވެރިކަމަކީ ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ވެސް މުހިންމު ދާއިރާއެއްކަން ފާހަގަކޮށް ވިޖާތަ ވަނީ ރާއްޖެއަށް ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ހުނަރުވެރިން ފޮނުވުމުގައި ސްރީލަންކާއިން މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެފައެވެ. ލަންކާގެ އަމާޒަކީ މި އަހަރު ތިން މިލިއަން ފަތުރުވެރިން ގެނައުމުން ކަމަށްވާއިރު، ދެ ގައުމަށް ވެސް ފަތުރުވެރިން އިތުރުކުރަން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.