ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އެންޑީއޭ އިން ބުނީ އެ އިދާރާގެ 28ވަނަ ބޯޑު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަމިއްލަ ޖަމްއިއްޔާތަކުގެ ތެރެއިން އެ އިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމްއިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މުރާޖައާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުހަލާ އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެންޑީއޭ އިން ވަނީ ބުނެފައެވެ. އަދި ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖައާ ކޮމިޓީއަށް އަންގާފައިވާކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި ވަގުތު އެންޑީއޭއިން ކުރަމުން އަންނައިރު އެ އެޖެންސީ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް މިހާރު ވައްދާފައިވާކަމަށް އެންޑީއޭއިން ބަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ އަމާޒުކުރަނީ، މަސްތުގެ ހާލަތުގައި މުޖުތަމައުގެ ތެރޭގައި އުޅޭ މީހުންނަށެވެ. އެގޮތުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދަނީ ދެމުންނެވެ.