ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 468 އުޅަނދު ނަަގައިފިއެވެ.
އެ އުޅަނދުތައް ނަގާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ، މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްއެ މިނިސްޓްރީއިން ވަނީ މި މަހުގެ 17 ވަނަ ދުވަހު ފެށި މަސައްކަތުގެ ދަށުންނެވެ.
މި މަސައްކަތުގެ ދަށުން އިއްޔެއާ ހަަމައަށް ނަގާފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަދު އަދި 3 ބައިސްކަލެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ މުހިންމު މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކޮށް އަދި ނުރައްކާތެރިކަމަށް ހުށަހެޅިގެންދާ ފަރާތްތައް މަދުކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާއެކު ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.
މި ޕްރޮގްރާމްކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމާއެކު ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީގެ އިތުރުން ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.