މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން މި އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު ހަތަރު ހަރަކާތެއްގެ ކަވަރޭޖަށް މޯލްޑިވްސްޓީވީއާ ކޮލަބޮރޭޓްކުރާން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ހަތަރު ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، އެޑްވެންޗާ ފަތުރުވެރިކަމާއި، ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާއި، ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ދައްކުވައިދީ، ދުނިޔޭގެ އެންމެ ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލުގެ ގޮތުގައި ރާއްޖެެއިން ހޯދާފައިވާ ރީތިނަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ.

ބުރުނު ބޮމާ: އެމްއެމްޕީއާރްސީން ބުނީ ބުރުނު ބޮމާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަސްވެރިންނަށް ހުޅުވާލެވިފައިވާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ މަސްވެރިކަމުގެ މުބާރާތެއް ކަމަށެވެ. މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްވޯކް، ސްޕޯޓްސްމޭންޝިޕް އަދި ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތައް ހިފަހައްޓައިގެން ޝަރަފުވެރި އިނާމުތަކަށް ޓީމުތައް ވާދަކުރާނެއެވެ. ދުނިޔޭގެ ފެންވަރުގެ މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އަގު ވަޒަންކޮށް، ބައިވެރިންނަށް ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއެއް ބުރުނު ބޮމާއިން ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

ދޫނިއޭ ރެކް: އެމްއެމްޕީއާރުސީ، އެޗްޑީސީ އަދި އެމްޓީސީސީއިން މެރިން ކޮންޒަވޭޝަންގެ ބިންގާ އެޅުމުގެ ގޮތުން ކުޑަގިރީގައި އައިކޮނިކް ޑައިވް ސައިޓެއް އިފްތިތާހު ކުރުމުގެ މަގުސަދުގައި ދެ ޑޯނިއާ މަތިންދާ ބޯޓު ފައްތާ، ހިތްގައިމު އާޓިފިޝަލް ރީފް އީކޯ ސިސްޓަމްއެއް މިހަރަކާތުން އުފެދިގެންދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. ދޫނި އަދު ޑޯނިއޭ މިދެބަސް އެއްކޮއްލައިގެން "ދޫނިއޭ" ގެ ނަމުން ނަން ދީފައިވާ މި ޕްރޮޖެކްޓަކީ ކަނޑުގެ ދިރުންތައް އާލާކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާ ޕްރޮޖެކްޓެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި މެރިން ކޮންޒަވޭޝަން ސްޓޭކްހޯލްޑަރުންނާއި ސަރުކާރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންވެސްދާނެއެވެ.