އިސްރައްވެހިންގެ ނާދީތައް ގާއިމް ކުރުމަށް 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ"ގެ 4 ވަނަ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް އިސް ރަށްވެހިން އިތުރުވަމުންދާ ކަމަށެވެ. އަދި އިސްރަށްވެހިންނަށް އެކުވެރި މާހައުލެއްގައި އުޅެލެވޭނެ ތަންތަން ގާއިމުކުރުމުގެ ޝައުގުވެރިކަން ގިނަ ކައުންސިލްތަކުން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންސިލްތަކާއި އެކު މިކަމާއި ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. އަދި ވަކި ރަށްރަށުގައި އިސްރަށްވެހިން އެކު އުޅެލާނެ ތަންތަން ފާހަގަކުރުމުގެ މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 60 ވަރަކަށް ކައުންސިލުން މިކަމަށް ޝައުގުވެރިކަންފާޅުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސް ރައްވެހިންނަށް ހާއްސަ ޕޮލިސީއެއް އެކުލަވާލައި އިސްރަށްވެހިންނާ އެއްކޮށް މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އިސްރަށްވެހިންގެ ޝަކުވާތައް އަޑުއައްސަވަމުން ގެންދަވާކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ރައީސްގެ މެނިފެސްޓޯއާ އެއްގޮތަށް އިސްރަށްވެހިންނަށް ހާއްސަ ކްލިނިކްތައް ގާއިމުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.