ބައިނަލްއަގުވާމީ މައިދާނުގައި ކުދި ޖަޒީރާ ގައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަންޖެހޭކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވެފައިވަނީ މި މަހުގެ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ހަލީލް ވިދާޅުވީ ބައިނަލްއަގުވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އިސް ދައުރެއް ދިނުން މުހިންމު ކަމަށެވެ.

މި ކޮންފެރެންސްގައި ބައިނަލްއަގުވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލުން ތަކުރާރު ކުރައްވާ ހަލީލް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް ގޮވާލައްފާއެވެ.

ހަލީލް ވަނީ އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި ވީޓޯ ކުރުމުގެ ބާރު އުވާލާ ނޮން ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ގާއިމުކުރަން ޖެހޭ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފައެވެ.

މި ކޮންފެރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ކޮންފެރެންސެކެވެ. އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވެގެން ކުރިއަށް ގެންދާ މި ކޮންފެރެންސްގެ މި އަހަރުގެ ޝިއާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަޝިޕް" އެވެ.