ހަމާސް އާއި އިޒްރޭލާ ދެމެދު ގާއިމު ކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން 6 ބުރަކަށް މީހުން ދޫކޮށްލާފައި ވާއިރު އިޒްރޭލުން ދޫކުރާ ފަލަސްތީން މީހުން ރުޅިއަރުވަން ލައްވާ ޓީޝާޓްތައް އަންދަން ފަށައިފިއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލާފައި ވާ އިރު ދޫކޮށްލާ ބައެއް މީހުން ހާލެއް ނެތިގެން ފުރަތަމަ ގެންދަން ޖެހެނީ ހޮސްޕިޓަލަށެވެ. ލާއިންސާނީ އަނިޔާ ދިނުމުގެ އިތުރުން ނަސްލީ ގޮތުން ތަފާތުކޮށް އިހާނެތިކޮށް ހިތާ، އިޒްރޭލުގެ ދިދަ ރަމްޒުވާ ލޯގޯ ޖަހާ 'އަހަރެމެން ހަނދާނެއް ނުނެތޭނެ އަދި މައާފެއް ނުކުރާނަން' ލިޔެފައި އޮންނަ ޓީޝާޓެއް ލައްވައި ފަލަސްތީންގެ މީހުން ދޫކޮށްލަނީ ރުޅިއެރުވުމުގެ ގޮތުންނެވެ.

6 ބުރެއްގެ މަތިން މިހާތަނަށް އިޒްރޭލުގެ 16 މީހަކު ދޫކޮށްލާފައި ވާ އިރު އިއްޔެ ހަމާސް އިން ދޫކޮށްލި އިޒްރޭލުގެ 3 މީހުންގެ ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 369 މީހުން ދޫކޮށްލާފައެވެ.

މީގެ ތެރެއިން ބައެއް މީހުން ދޫކޮށްލި އިރު އެ ޓީޝާޓް ލައްވާފައި ހުރުމުގެ ސަބަބުން އެމީހުން ވަނީ، އަނބުރާ ވަޒަނަށް އާދެވުމުން އެޓީޝާޓްތައް އަންދާފައެވެ.

އިޒްރޭލުގެ 'ކޮފާ' ޖަލުން މީހުން ނެރެގެން ގެންދިޔަ އިރު އެ ޓީޝާޓުގައި ހުއްޓާ އިޒްރޭލުން ވަނީ ފޮޓޮއާއި ވީޑިއޯ ނަގާ އާންމުވެސް ކޮށްފައެވެ. ނަމަވެސް ބައެއް މީހުން އެ ޓީޝާޓް މަތިން އެހެން ހެދުން ލައިގެން ނިކުމެގެން ދިޔަތަން ވެސް ފެނެއެވެ.

ގާޒާގެ ހާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ގާޒާ ހޮސްޕިޓަލާ ހަމައަށް ދެވުމުން، ފަލަސްތީނުގެ ބައެއް ރައްޔިތުން ވަނީ އެފަދަ ޓީޝާޓުތަކުގައި ރޯކޮށް އަންދާފައެވެ.

މި ކަމާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، "އަހަރެމެންގެ ފަހުރެއް ފަދަ ރަހީނުންގެ ޓީޝާޓުގެ ބުރަކަށީގައި ނަސްލީ ތަފާތުކުރަން ޝިއާރުތައް ލިޔުމާއި ލާއިންސާނީ އަނިޔާ ދިނުން ބަލައިނުގަންނާނެ ކަމަށާއި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާވެސް ހިލާފު ކަމެއް" ކަމަށެވެ.