މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ޖެހުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ޖެހުނު ސާފު ފައިދާ އަށް ވުރެ 11 ގުނަ އިތުރުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 418.20 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 783 މިލިއަން ރުފިޔާގެ އާމްދަނީ އަށް ވުރެ 364.80 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ނަމަވެސް އެމްޓީސީސީ ހިންގުމުގެ ފައިދާ އާއި ޓެކުހަށް ކެނޑުމުގެ ކުރިން ޖެހޭ ފައިދާ އާއި ހިއްސާދާރަކަށް ޖެހޭ އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިތުރުވެފައިވާ ކަން ވެސް މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން:
- ހިންގުމުގެ ފައިދާ: 2023 ގެ ފަހު ކުއާޓަރުގައި 43 މިލިއަން ރުފިޔާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 177.55 މިލިއަން ރުފިޔާ
- ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާ: 2023 ގެ ފަހު ކުއާޓަރުގައި 16 މިލިއަން ރުފިޔާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 165.20 މިލިއަން ރުފިޔާ
- ހިއްސާދާރަކަށް ޖެހޭ އަދަދު: 2023 ގެ ފަހު ކުއާޓަރުގައި 1.66 ރުފިޔާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 18.82 ރުފިޔާ
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ލިބިފައިވަނީ، މާލީ ހިސާބުތައް ދައްކާ ގޮތުން 151.26 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 13.31 މިލިއަން ރުފިޔާއަށް ވުރެ 11 ގުނަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެމްޓީސީސީ އަށް 418.20 މިލިއަން ރުފިޔާ ލިބުނު ނަމަވެސް 575.37 މިލިއަން ރުފިޔާ އިތުރަށް ހަރަދުވުމުގެ ސަބަބުން 157.17 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނެވެ. ނަމަވެސް އެހެނިހެން އާމްދަނީގެ ގޮތުގައި 481.11 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ.
ހަމަ އެހެންމެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީން 189 މަޝްރޫއެއް ކުރިޔަށް ގެންގޮސް ނުވަ މަޝްރޫއެއް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.