އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގެ އަންހެން އެއާ ޕިސްޓަލް ކެޓަގަރީގެ ޖޫނިއާ ބައިން ރިހި މެޑަލް ހޯދާފައި ކަމަށެވެ. އަދި ރައީސް ވަނީ އޭޝިއާގެ 23 ގައުމަކުން ވާދަކުރި މި މުބާރާތުގައި 21 ގައުމެއްގެ ޝޫޓަރުންގެ މައްޗަށް އީޝަލް ކުރި ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މުބާރާތުގެ ފައިނަލް މެޗުގައި އީޝަލް ރިހި މެޑެލް ހޯދާފައިވަނީ 229.2 ގެ ސްކޯއެއް ހޯދައިގެންނެވެ. އެ ކެޓެގެރީން ރަން މެޑެލް ހޯދާފައިވަނީ ޗައިނާގެ ޓައިޕޭގެ ލިއައޮކެ ރޮންގްއެވެ. އޭނާ އަށް ލިބިފައިވަނީ 231.2 ގެ ސްކޯ އެކެވެ.

އީޝަލް އަކީ މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ. އޭނާ ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފަވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.

އަންހެން އެއާ ޕިސްޓަލް ކެޓަގަރީގެ އިތުރުން މުބާރާތުގެ މިކްސްޑް ޓީމު ޖޫނިއާ ބައިގެ ފައިނަލުގައިވެސް އީޝަލް އަދި މޫސާ ނުއައިމް ހުސައިން ގެ ޕެއާވަނީ ވާދަކޮށް އެންމެ ވަޒަނެއްގެ ތަފާތަކުން ބަލިވެފައެވެ.