ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު އަދި ބިޒްނަސް އޮފިސަރު އަހްމަދު ޔާމީން މަގާމުން ވަކިކޮށްފިއެވެ.

ފާއިދު އަދި ޔާމީން މަގާމުން ވަކިކޮށްފައިވާ ސަބަބު އެޗްޑީސީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމް އަދި ގެދޮރުވެރިޔާ ސްކީމްގެ ބޭރުން އުސޫލާ ހިލާފަށް ގޯތި އަދި ފްލެޓް ދޫކުރި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ 15 މުވައްޒަފަކު މިދިޔަ ޑިސެމްބަރު މަހު މަގާމުން ވަކިކޮށްފައިވެއެވެ.

އެހެންނަމަވެސް އެ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް މައްސަލަ ނިމެންދެން ސަސްޕެންޑް ކުރުމަށް އެޗްޑީސީއިން ވަނީ ފަހުން ނިންމާފައެވެ. އަދި ބައެއް މީހުންގެ ސަސްޕެންޝަން އެޗްޑީސީއިން ވަނީ މިފަހުން އުވާލާފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އޭރު އެޗްޑީސީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.