ރަމަޟާން މަހަށް ހާއްސަކޮށް ހެޔޮ އަގުގައި ބާޒާރަށް ކާށި ނެރެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ތައްޔާރުވެފައިވާ ކަމަށެވެ.

މީގެކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި މި އަހަރު ހާއްސަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު އިންޑިއާއިން ރާއްޖެއަށް ގެނެވިފައިވާ ކަމަށެވެ.

އެ ކާށިތައް މާދަމާ އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯ ވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބަނީ ބުނެފައެވެ.

މީގެއިތުރުން ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް އެސްޓީއޯއިން ވަނީ ތައްޔާރުވެފައެވެ. އެއީ އަސާސީ ކާބޯތަކެތި(ފިޔާ، ބިސް އަލުވި، ކަދުރު)، ތާޒާ ތަރުކާރީ އަދި މޭވާ (ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ)، ޕްރޮސެސްޑް ކާނާ (ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު)، ކެއްކުމަށް ބޭނުންކުރާތަކެތި (ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ)އެވެ.