ދިވެހި ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ ފަހުމުނާމާއަށް ސައުދީ ކެބިނެޓުން ރުހުންދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއަށް ސައުދީ އަރަބިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްއިން ރުހުން ދީފައިވާ ކަމަށާއި، މި ފަހުމުނާމާގެ ސަބަބުން ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ފަހުމުނާމާއަކީ އިކޮނޮކިމް މިނިސްޓްރީ އާއި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އިން ދި ކިންގްޑަމް އޮފް ސަޢުދީ އަރަބިއްޔާއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ވަނީ ސައުދީ އަރަބިއްޔާއާ ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް ރާއްޖޭގައި ސައުދީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން މި ދަތުރުގައި ހަލީލު ވަނީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުއާއެކު ބައްދަލުކުރައްވައި ރާއްޖެއާއި ސައުދީގެ ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކޮށްފައެވެ.