ކޮންމެ އަހަރެއްގެ ހޫނު ގަދަވާ މޫސުމަކީ އާދަޔާ ހިލާފަށް ކަރަންޓު ބިލުތައް ބޮޑުވާ ކަމުގެ ޝަކުވާތައް އެންމެ ގިނައިން ބަންޑުންކޮށްލާ ދުވަސްވަރެވެ. މި އަހަރުގެ އިރުވައި މޫސުން ފެށިފައިވާ އިރު، މި ދުވަސްވަރު ތެރޭ ރޯދަ މަހަކާ ކުރިމަތިލާން ޖެހުމަކީ ކަރަންޓް ބިލު އިންތިހާއަށް ބޮޑުވެގެން ދާނެ ކަން މީ ވިސްނާލަން ޖެހޭ ކަމެއް ކަން ޔަގީނެވެ.

އަންނަ މާޗް މަހު ރޯދަ މަސް ފަށާއިރު، ރޯދަ މަހަށް ކޮންމެ އާއިލާއަކުން ވެސް އަންނާނީ އެތައް ތައްޔާރީއެއް ވަމުންނެވެ. ގޭގެ މަރާމާތުކޮށް ބޭނުންވާ ބައެއް ކަރަންޓު ސާމާނާއި ފަރުނީޗަރު އާކުރުން މީ ދިވެހިންގެ އާދަކާދައެވެ. ހަމައެއާއެކު ކެއުން ބުއިމަށް ބޭނުންވާ ތަކެތި ދުރާލާ ހޯދައިގެން ރޯދަ މަހު ކުރާ ހޭދަ ކުޑަކުރުމަށް ބައެއް ސާމާނު ކޭސް ކޭހުން ހޯދާ އާއިލާތައް ވެސް މަދެއް ނޫނެވެ.

ހަރަދު ކުޑަކުރުމަށް ކޮންމެ އާއިލާއެއް ވެސް މަސައްކަތް ކުރާއިރު، މި އަހަރުގެ ރޯދަ މަހު ކަރަންޓު ބިލު ބޮޑުވެދާނެ ކަމަށް ވެސް ދުރާލާ ވިސްނާލަން ޖެހެއެވެ. ކެއުން ބުއިމަށް ހާއްސަ ސަމާލުކަމެއް ދޭ މައްސަަރެއްގެ ގޮތުގައި ރޯދަ މަސް ފާހަގަވެފައިވާ އިރު، ކަރަންޓުގެ އެތައް ސާމާނެއް ކޮންމެ ދުވަހަކު ބޭނުން ކުރަން ޖެހުމަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމެއް ކަން ޔަގީނެވެ. ނަމަވެސް އަތް ނުފޯރާ ފަށުގެ ކަރަންޓު ބިލެއް އައިސްދާނެ ކަމަށް ރައްކާވެތިބެން ޖެހެއެވެ.

ގޭގައި ދިމާވާ ތަކުލީފް ދައްކުވައިދޭ ޕޯސްޓަރެއް / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އާންމުކޮށް ކޮންމެ ގޭބިސީއެއްގައި ކަރަންޓުގެ އެހީގައި ބޭނުންކުރާ އާލާތްތަކަށް ބަލާއިރު، އެންމެ ގިނައިން ކަރަންޓު ލޯޑް ބޯޑުވާ ތަކެތީގެ ތެރޭގައި އެއާކޮންޑިޝަނާއި އައިސް އަލަމާރި އާއި ދޮންނަ މެޝިނަކީ ފާހަގަކޮށްލެވޭ އެޕްލަޔަންސްތަކެވެ. މިފަދަ އެޕްލަޔަންސްތައް ގަންނަ އިރު ގަނެވެނީ ރަނގަޅު ބްރޭންޑެއްގެ ތަކެތި ތޯ ބަލާލުމަކީ މުހިއްމު ކަމެކެވެ. އަދި މި ތަކެތީގެ ތެރެއިން ކަރަންޓު ހަރަދު ކުޑަކުރުމަށް އިންވާޓާ އެޕްލަޔަންސް ހިޔާރު ކުރުމަކީ ވެސް ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ.

ކަރަންޓު ހަރަދު ކުޑަ ކުރަން ކުރެވިދާނެ ބައެއް ކަންކަން:

  • ގެއިން ބޭރަށް ދޮޅު ގަޑިއިރަށް ވުރެ ގިނަ ވަގުތަކަށް ދާ ނަމަ އޭސީ ނިއްވާލުން
  • ފެން ކައްކާ ޖަގު ޖައްސާ އިރު ބޭނުންވާ މިންވަރަށް ފެން އަޅާފަ ޖެއްސުން
  • އިސްތިރި ބޭނުން ކުރާ އެއްފަހަރާ ގިނަ އަންނައުނު އިސްތިރި ކުރުން
  • ސިޓިން ރޫމް އޭސީ ކޮށްފައި ހުންނަ ނަމަ ބަދިގޭގައި ކައްކާ ވަގުތު އޭސީ ނިއްވާލުން
  • 24 ނުވަތަ 25 ޑިގްރީއަށް ވުރެ އޭސީ ފިނި ނުކުރުމާއި، ހޫނު ވާ ވަގުތުތަކުގައި އޭސީ ޖައްސާ އިރު، ފަންކާ ޖައްސާލުން
  • އޭސީ ބޭނުންކުރާ ކޮޓަރިއަކީ ބަންދުވެފައި ހުންނަ ތަނަކަށް ވުން، ކުޑަދޮރާއި ފާހާނާ ލައްޕާފައި ބެހެއްޓުން.
  • ކޮންމެ ދެ ހަފްތާއަކުން އޭސީގެ ފިލްޓަރު ސާފު ކުރުން. އަދި ހޫނު ގަދަވާ މޫސުން ފެށުމުގެ ކުރިން މުޅި އޭސީ ފުލް ސާވިސް އެއް ކުރުން
  • އައިސް އަލަމާރިއަށް ހޫނުކޮށް ހުންނަ ތަކެތި ނުލުން. ހޫނުކޮށް ހުރި އެއްޗެއް ހިހޫ ވުމުން އައިސް އަލަމާރިއަށް ލުން.

މިހާރު ގިނަ ގެތައް ޑިޒައިންކޮށްފައި ހުންނަނީ ބަދިގެއާއި ސިޓިންގް ރޫމް އެއްކޮށްލާފައެވެ. މިގޮތަށް ގޭގެ ފަރުމާކޮށްފައި ހުންނަ އިރު ސިޓިން ރޫމް ހުންނަނީ އޭސީ ވެސް ކޮށްފައެވެ. ބަދިގޭގައި ބޭނުންކުރާ އަވަނާއި އުނދުނާއި ފެން ކައްކާ ޖަގު ފަދަ ކަރަންޓު ސާމާނު ބޭނުން ކުރުމަކީ އާދަޔާ ހިލާފަށް ހޫނުވެ މާހައުލު އުދާސް ވާނެ ކަމެކެވެ. ނަމަވެސް އެފަދަ ވަގުތު އުދާސްކަން ކުޑަކޮށްލުމަށް ސިޓިން ރޫމުގައި ހަރުކޮށްފައި ހުންނަ އޭސީ ޖައްސާލެވެއެވެ. މި ހާލަތުގައި ތަނުގެ އުދާސްކަން ހުރި މިންވަރުން އެ ތަން ބޭނުންވާ މިންވަރަށް ފިނިކޮށް ދިނުމަށް އޭސީގެ ލޯޑް ބޮޑުވެ ކަރަންޓު ބިލު ބޮޑުވެދާނެއެވެ.

ސްޓެލްކޯ / ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން ގޭގޭގައި އޭސީ ހަރުކޮށްފައި ހުންނަ ތަނަކީ ވެސް އޭސީގެ ލޯޑް ބޮޑުވާނެ ކަމެކެވެ. ކޮޓަރިއެއްގައި އޭސީ ހަރުކޮށްފައި ހުންނަނީ އަލަމާރި އާ ދިމާއަށް ފިނިވާ ގޮތަށް ކަމުގައި ވާނަމަ އެ އޭސީއަކުން ކޮޓަރީގައި ހުންނަ އެނދަށް ފިނިކޮށް ދޭ މިންވަރު ދަށްވެއެވެ.

އޭސީ ހަރު ކުރާ ފަރާތްތަކުން ހިލޭ ދޭ ކޭސިން، ހޮޅި، އިންސިއުލިން ބޭނުން ކޮށްގެން އޭސީ ހަރުކުރާ އިރު، ބައެއް ފަހަރު އޭސީ އާއި އައުޓްޑޯ ޔުނިޓް ބަހައްޓަން ޖެހޭ އެންމެ އެކަށީގެންވާ ހިސާބުގައި ނުބަހައްޓާ ފަހަރު އާދެއެވެ. ހިލޭ ލިބޭ ކޭސިން، ހޮޅި، އިންސިއުލިން ބޭނުންކޮށްގެން އެ މަސައްކަތް ނިންމާލަން ކަސްޓަމަރުން ބޭނުންވަނީ އިތުރު ހޭދައެއް ނުކުރުމަށް ކަމުގައި ވިޔަސް އެ ގޮތަށް އެކެން ކުރުމުން އޭސީން ކުރާ މަސައްކަތަށް ލޯޑް ބޮޑުވެއެވެ. އަދި އިތުރު ބޮޑު ހަރަދެއް ޖީބުން ކުރަން ޖެހެނީ ބިލަށް ކަމުގައި ވާ އިރު، އޭސީ ހަރުކުރާ އިރު މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ވެސް މުހިއްމު ކަމެކެވެ.

މީގެ އިތުރުން ބައެއް ކާބޯތަކެތި ހޫނު ކޮށް ހުއްޓާ އައިސް އަލަމާރިއަށް ލާ އިރު އެތަކެތި ފިނިކޮށް ދިނުމަށް އައިސް އަލަމާރީގެ ލޯޑް ބޮޑުވެއެވެ. އަދި ގިނަގިނައިން އައިސް އަލަމާރި ހުޅުވުމަކީ ވެސް އޭގެ ފިނިކަން ދަށްކޮށްދޭ ކަމަކަށް ވާއިރު، އައިސް އަލަމާރީގެ ފިނިކަން އެއްވަރެއްގައި ބެހެއްޓުމަށް ކުރާ މަސައްކަތުގައި އޭގެ ލޯޑް ބޮޑުވެ ކަރަންޓު ބިލަށް އޭގެ އަސަރު ކުރާ ފަހަރަު އާދެއެވެ.

ދަރިވަރުން ގޮވައިގެން ބެލެނިވެރިން ސްކޫލަށް ދަނީ / ފޮޓޯ: ދަ ޕްރެސް

މި އަހަރު ރޯދަ މަހުގައި އާއިލާގެ މެންބަރުން ގޭގައި ގިނަ ވަގުތު ހޭދަކުރާނެ ކަން ޔަގީނެވެ. ސަބަބަކީ މި އަހަރުގެ މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރު ކަމުން ގޭގައި އުޅޭ ކުދިން ވެސް އަބަދުމެ ތިބޭނީ ގޭގައެވެ. ގޭގައި ހުރިހާ މެންބަރުން ހަމައަށް ތިބުމާއި ރޯދަ މަހަކީ އެއް ސުފުރާ މަތިން މުޅި އާއިލާ އެކުގައި ރޯދަ ވީއްލުމާއި ހާރު ކެއުމަށް ވަގުތު ހޭދަ ކުރާނެ ދުވަސްވަރެއް ކަމުން ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކަރަންޓު ބިލު ބޮޑުވެދާނެ ކަމަށް ދުރާލާ ވިސްނައިގެން ބައެއް ކަންކަން ބަދަލުކޮށްލަން ޖެހެއެވެ.

މާޒީއަށް ބަލާލާއިރު، ބިލު ބޮޑުވެގެން އަންނަ ދުވަސްވަރު އެންމެ ބޮޑަށް ބަހުސް ކުރެވޭ މައުލޫއަށް އަލިއަޅުވާލާނަމެވެ. ހާހުން ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވެފައިވާ އިރު، ގޭގައި ބޭނުން ކުރި ކަރަންޓު ބޭނުން ކުރާ އެޕްލަޔަންސްގެ އެއްވެސް އެއްޗެއް އިތުރުވެފައެއް ނުވެއެވެ. މުޅި ގޭގައި ވެސް ބޭނުން ކުރީ ދެ އޭސީ އާއި ދެ ފަންކާ އާއި ފުރިޖަކާއި ދޮންނަ މެޝިނަކާއި އިސްތިރިއަކާއި ފެންކައްކާ ޖަގަކާއި ޓީވީއެކެވެ. ގޭތެރެ އަލިކުރުމަށް ބޭނުންކުރާ ބޮކި ވެސް އިތުރެއް ނުވެއެވެ. ގޭގައި އުޅޭ މީހުންގެ އަދަދު ވެސް އިތުރު ނުވާތީ ފޯން ލެޕްޓޮޕް ފަދަ ތަކެތި ޗާޖު ކުރަމުން ވެސް ދިޔައީ އެހެން މަސް މަހެކޭ އެއްވަރަށެވެ. އެއް ހަމައަކަށް ކަރަންޓް ބޭނުން ކޮށްކޮށް ހުއްޓާ މިހާ ބޮޑު ފަރަގެއް ކަރަންޓު ބިލުން ފެންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މިއީ އާންމުކޮށް އިވޭ ސުވާލެކެވެ.

ކޮންމެ އަހަރެއްގެ ވެސް ކަރަންޓު ބިލުތައް ބޮޑުވެގެން އަންނަ ދުވަސްވަރު އާންމު ރައްޔިތުންގެ ޝަކުވާތަކުގައި ތުހުމަތު ކުރެވެނީ ބިލް ތައްޔާރުކުރާ ފަރާތަށެވެ. މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޖައްވު ހޫނުވުމުގެ މައްސަލައިގެ ސަބަބުން ހޫނު ގަދަ ގައުމުތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ކޮންމެ އަހަރަކު އަންނަނީ އިތުރުވަމުންނެވެ.

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ

މާލެ ސަރަހައްދަށް ބަލާލި ކަމުގައި ވިޔަސް ކޮންމެ އަހަރަކު ކަރަންޓަށް އޮންނަ ޑިމާންޑު އަންނަނީ މަތިވަމުންނެވެ. މާލެ ސަރަހައްަށް އަންނަ ތަރައްގީގެ އިތުރުން، އަހަރަކު އެތައް ބަޔަކު މާލެއަށް ހިޖުރަ ކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު ދިރިއުޅުމުގައި ބޭނުންކުރާ ވަސީލަތްތަކަށް ގެންނަ ބަދަލަކީ ކަރަންޓު ބޭނުން ކުރާ ޑިމާންޑް އިތުރުވާނެ ކަމެކެވެ.

2023ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް އަރާފައިވާ އިރު، މިދިޔަ އަހަރު ޕީކްލޯޑް ވަނީ 113 މެގަވޮޓުަށް އަރާފައެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި މިހާރު ކަރަންޓުގެ ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިއަހަރުގެ ޕީކްލޯޑް 134 އަށް އަރާނެ ކަމަށް ބެލެވެއެވެ.

ޖީބަށް ނުކަތާ ވަރުގެ ބިލެއް ދައްކަން އެދޭނީ ކާކު ހެއްޔެވެ. އާންމުކޮށް ރޯދަ މަހަކީ ކަރަންޓު އެޕްލަޔަންސް ގިނައިން ބޭނުން ކުރާނެ މަހެކެވެ. އާންމުކޮށް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ރޯދަ މަސް އިރުވައި މޫސުމުގެ ހޫނު ގަދަ ދުވަސްވަރަކާ ބައްދަލުވުމަކީ ކަރަންޓު އިގްތިސޯދު ކުރުމަށް ކުރިޔާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެކެވެ. ބިލު ބޮޑު ވެއްޖެ ނަމަ ޖީބަށް ބުރަ ވާނެއެވެ. ޖީބަށް ވާ ބުރަ ލުއި ކުރަންޏާ ކަރަންޓް އިގްތިސޯދު ކުރަން ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ.