އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފިލަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށެވެ. އެކަން ފުލުހުންގެ ސަމާލުކަން އައިސް ބެލިއިރު، މީހަކު ޖޯއްޔެއްގައި ބަނދެ، އޭނާގެ ބޯ ބާލައި، އަނިޔާކޮށްފައި ހުއްޓާ ފެނިފައިވާކަމަށެވެ.

އެ މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު (22އ)، ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، (20އ) އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، (19އ) އަދި ހިތަދޫ މެރީގާޑަން އަލީ މާޒިން ހަސަން (20އ) އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސަމާހު ތައުފީ އާއި އަޝަރްފް މުހައްމަދު ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އަދި މުހައްމަު ޔައީޝް އާޒާދު އާއި އަލީ މާޒިން ހަސަންގެ ބަންދަށް 7 ދުވަސްވަނީ ޖަހާފައެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުން ގެނައި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް އާއިލާ އާއި ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.