ރައީސް ޑރ. މުހައްމަދު މުއިއްޒު ގަޟާއީ އަހަރު 2025 އިފްތިތާހު ކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތަކީ އާ ގަޟާއީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމަށާއި، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ އަދި އިދާރީ ގޮތުން ލަނޑުދަޑިތަކެއް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތުގެ އަލީގައި ކޮންމެ އަހަރަކުވެސް ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށް ގެންގޮސްފައިވާއިރު، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ގަޟާއީ ބަޔާނެއްވެސް އިއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ރަސްމިއްޔާތަކީ ފާއިތުވި 8 އަހަރު ވެސް ކުރިއަށް ގެންދިޔަ ރަސްމިއްޔާތަކަށްވާއިރު މި ރަސްމިއްޔާތު 2021 ވަނަ އަހަރު ބާއްވާފައެއް ނުވެއެވެ. މި އަހަރުވެސް ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ މި މަހާސިންތާ ހާއްސަަކުރެވިފައިވަނީ އިސްލާމިކް ފައިނޭންސިން އަދި ޝަރުއީ ކޯޓުތަކުގައި ހުރި ޝަރުއީ އަދި އިދާރީ ކަންކަން އެއްގޮތްކުރުމާ ގުޅޭގޮތުން ކަމަށެވެ.