ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފްތާގައި ބަހަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، ރަމަޟާން މަހަށް ހާއްސަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ އެންމެހައި ތައްޔާރީތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅު ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުގައި ރޯދަމަހަށް މަސްދަޅު ކޭސް ބަހަން އިއްޔެ ފަށާފައިވާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ވެއެވެ. އަދި އެ ތާރީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ދުރާލައި އެކަން އަންގާނެ ކަމަށް ވެއެވެ.
މާލޭ ސަރަހައްދުގެ ގެތަކަށް މަސްދަޅު ކޭސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
އެސްޓީއޯ އިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މަސްދަޅު ކޭސް ދޫކުރާ ތަންތަން:
- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި
- މިފްކޯ އޮފީސް ކޮމްޕައުންޑް
- ވިލިމާލޭ ކައުންސިލް އޮފީސް
- ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް
- ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރު
ހުސްވި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ސަރުކާރުން ކޮންމެ ގޭބީސީއަކަަށް ކާޑުގެ ބާވަތްތައް ހަދިޔާކުރި ނަމަވެސް މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭނެ ކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އަދި ހަމައެހެންމެ މިދިޔަ ރަމަޟާން މަހު ސަރުކާރުން ފެން ބިލާއި ކަރަންޓް ބިލުތަކުންވެސް ޑިސްކައުންޓް ދެއްވާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އެފަހަރު ދެއްވިއެވެ.