ކުރިއަށް އޮތް ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އަތޮޅު ތެރޭގައި ފަށައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ބަހަން ފަށާފައި ވަނީ ހދ. އަތޮޅުގެ ރަށްތަކަށެވެ. ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނީ ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަންފަރާއި ހަނިމާދު އަދި ކުރިނބީގެ ގެތަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހދ. ގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދު ވެސް އެ މަސައްކަތުގައި އުޅޭނެ ކަމަށް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝަމީމް އާއި ހަވާލާދީ ލޯކަލް ގަވަނެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށްވާއިރު މާލޭގައި މަސްދަޅު ކޭސް ބަހާނީ އެސްޓީއޯ މެދުވެރިކޮށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ކަމަށް މީގެ ކުރިން މިފްކޯއިން ވެސް ބުނެފައި ވެއެވެ.

ހުސްވި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ސަރުކާރުން ކޮންމެ ގޭބީސީއަކަަށް ކާޑުގެ ބާވަތްތައް ހަދިޔާކުރި ނަމަވެސް މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދޭނެ ކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އަދި ހަމައެހެންމެ މިދިޔަ ރަމަޟާން މަހު ސަރުކާރުން ފެން ބިލާއި ކަރަންޓް ބިލުތަކުންވެސް ޑިސްކައުންޓް ދެއްވާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް އެފަހަރު ދެއްވިއެވެ.