ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ބާއްވާ ވޯލްޑް ގަވާމަންޓްސް ސަމިޓް 2025ގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޔޫއޭއީގެ ދުބާއީއަށް ވަޑައިގެންފިއެވެ.
ވޯލްޑް ގަވާމަންޓްސް ސަމިޓް 2025 ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނައިބު ރައީސް ޔޫއޭއީއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އެ ގައުމުގެ މިނިސްޓާ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރެޓައިޒޭޝަން އަދި އެކްޓިން މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސާޗް، ޑރ. އަބްދުލްރަހްމާން އަބްދުލްމަންނާން އަލް އައްވާރުއެވެ.
ވޯލްޑް ގަވާމަންޓްސް ސަމިޓް 2025ގެ މި އަހަރުގެ ޝިއާރަކީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަހައްދުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.
މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވެއެވެ.