ރާއްޖޭގެ 5 ސަރަހައްދެއްގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު 3 ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ގާއިމުކޮށް ނިންމާލެވޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ތެލެސިމިއާ ކުދިންނަށް ފަރުވާ ދިނުމާއި، އެ ކުދިންނަށް ބޭނުންވާ ބޭސް ހޯދުމަށް ލުއި ފަސޭހަވާެ ގޮތަށް ސިއްހީ ނިޒާމުގެ ކަންތައްތައް ރާވާ ހިންގަމުން އަންނައިރު ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގެ 5 ސަރަހައްދުގައި ބްލަޑް ބޭންކް ގާއިމުކޮށް އަދި ކުރިން ހުރި ބައެއް ތަންތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލްފްލެޖްޑް 5 ބްލަޑް ބޭންކު ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 3 ބަލްޑް ބޭންކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފުލް ފްލެޖްޑް ބްލަޑް ބޭންކްތައް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއެކު ރަށްރަށުން ތެލަސީމިއާ ކުދިންނާއި އަދި އެނޫން ފަރާތްތަކަށްވެސް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު ކަށަވަރުވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި މިހާރު އެއްވެސް ރަށަކުން ބޭސް ހޯދަން އެހެން ރަށަކަށް ދާން ނުޖެހޭނެކަމަށެވެ. ސަރުކާރުން 2024 ވަނަ އަހަރު ވަނީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ފުލްފްލެޖްޑް ބްލަޑް ބޭންކްތައް ގާއިމުކޮށް ހިދުމަތްފުޅާކޮށްފައެވެ.