ސައުދީ އަރަބިއްޔާގެ ސަރަހައްދުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް ގޮވާލާ، އިޒްރޭލުގެ ބޮޑުވަޒީރު ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި މިއީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަން ފާހަގަކޮށް ބުނީ ސައުދީގެ ރަސްކަމުގެ އެއްބައިވަންތަކަމާއި، ސައުދީ އަރަބިއްޔާގެ އިސްތިގްލާލާއި، ސަލާމަތާއި، ސަރަހައްދީ އެއްބައިވަންތަކަމަށް ނުރައްކާވާ އެއްވެސް ބަޔާނެއް ބަލައި ނުގަންނަކަމަށެވެ. އަދި މިފަދަ ބަޔާންތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ޗާޓާތަކާއި ހިލާފު ހައްދުފަހަނަޅާފައިވާ ބަޔާންތަކެއްކަމުގައި ދެކޭ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ހަމަޖެހުމަށް ފުރައްސާރަކުރާ މިފަދަ ޕްރޮވޮކޭޓިވް ސްޓޭޓްމަންޓްތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން ތެދުވާންޖެހޭކަން ފާހަގަކޮށް ސަރުކާރުން ބުނީ 1967 ވަނަ އަހަރު ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ދައުލަތް ގާއިމްކުރުމުގެ ޝަރުއީ ހައްގުތަކަށް ވެސް ރާއްޖެއިން ސަރުކާރުން ތަކުރާރުކޮށް ތާއީދުކުރާކަމަށެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރުގެ ވާހަކަތަކަކީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ ކަމެއް ކަމުގައި ރާއްޖެއިން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާގެ ސަރަހައްދުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް އިޒްރޭލުން ގޮވާލާފައިވާއިރު މި ދެގައުމު ސުލްހަކުރުމަށް އެމެރިކާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އިޒްރޭލާ ގުޅުން ގާއިމު ނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ސައޫދީން ވަނީ ފަލަސްތީނުގެ ގާޒާއިން މީހުން ބޭރުކޮށް އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ޓްރަމްޕް ހުށަހެޅުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ..ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުގެ ކުރިން އިޒްރޭލާ އެކު އާންމު އުސޫލުން ގުޅުމެއް ނުބާއްވާނެ ކަމަށެވެ.