މަސްތުގެ ހާލަތުގައި އިނދެ ވޭން ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއާމެދު ފުލުހުން އަމަލުކުރި ގޮތް ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:13 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މައުލޫމާތާ ގުޅިގެން ފުލުހުން އެޓެންޑްވެ ބެލިއިރު އެ މީހާ ދުއްވި ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައި އޮތްކަން ފާހަގަކުރެވި ފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން މި އުޅަނދު ހުޅުމާލެ ފޭސް 2 އަށް ދަނިކޮށް ފޭސް 2 އަދި ފޭސް 1 ގުޅުވައިދޭ ބްރިޖް ޑިވައިޑާގައި ޖެހިވެސް އެކްސިޑެންޓްވެފައި ވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށްފަހު ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.