މިއަދު މާފަންނުގައި ހުންނަ ފަޅު ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުން ވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ މާފަންނު ޝީ ބިލްޑިން ކުރިމަތީގައި ހުންނަ މ. ހައުސްޕްލާޒާގައެވެ. މި އިމާރާތުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ، މ. ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެން ހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން، އެ ދެ ގޭގައި ދިރިއުޅެމުން ދިޔަ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. އެ 55 މީހުންގެ ތެރޭ 20 ބިދޭސިއަކު ހިމެނޭ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ސިފައިން ބުނީ، މ. ހައުސްޕްލާޒާގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށާއި، ސިފައިން ކުރި މަސައްކަތުން 7:47 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަލިފާން ރޯވާން މެދުވެރިވީ އެ އިމާރާތުގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް ވެސް ސިފައިން ބުނެފައިވެއެވެ.